ހުވަދޫ ގަޑުބަޑުގެ ދުވަސްވަރު ގދ. ގައްދޫ ރައްޔިތުންގެ ހަނދާންތައް ހިމެނޭ، "އަދަދު" ނޫހުގައި ނާޒިމް ހަސަން ލިޔުއްވި ތަޙުޤީޤީ ލިޔުން.
ގާފުދާލު ގައްދޫ, ފޫޅުމާގޭ ބޮޑު އުނދޯލީގައި އަހުމަދު ސައީދު ހިމޭން ކަމާއެކު އިށީނދެލައިގެން އިން ނަމަވެސް, އޭނާގެ ސިކުނޑީގައި ހުއްޓުމެއް ނެތި އާވަމުން އެ ދަނީ ނާމާން އަޑުތަކެއްގެ ތެރޭގައި، ނަފުސުގެ ހިމާޔަތަށްޓަކައި އަލަ އޮޅެއްގެ ތެރޭ އޮންނާން މަޖުބޫރު ކުރުވި އެ ދުވަހުގެ ބިރާއި ހިތާމަ އެވެ;
މީގެ ބައި ގަރުނެއްހާ ކުރިން އައްޑޫން އުފަންވެގެން ދިޔަ "ސުވާދީބު" ދައުލަތަށް ވާގިވެރިވާން ހުވަދޫ ތައްޔާރުވުމުން އެ އަތޮޅުގައި އުފެދުނު ގަޑުބަޑާއެކު ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުމާއި ހަމަނުޖެހުމުގެ ދުވަސްތަކާ ބައްދަލުކުރަން ޖެހުނެވެ.
ގަޑުބަޑުގެ ތެރޭ ހިޔާލު ތަފާތުވި، ގދ. ގައްދޫއަށް ދިމާވި މަޖުބޫރީ ހާލަތަކީ މީގެ ކަޅު ސަފުހާއެކެވެ. ދެކުނުގެ "ސުވާދީބު" ސަރުކާރު ގަބޫލުނުކޮށް ދެކުނުގެ މެދުގައި ގައްދޫއަށް އޮތުމަށް އުނދަގޫވެ ބިރުވެރިކަމާއި ނާމާންކަން އެ ރަށް ވަށައިލި އެވެ.
އެ ބިރުވެރިކަމާއި ހިތާމަ، އެމީހުން ތިބީ ހިތުގެ އެންމެ އަޑީ މިއަދު ފޮރުވައިގެންނެވެ.
"...ވަރަށް އަސަރުގަދަ, ވަރަށް ހިތާމަވެރި ދުވަހެއް, މިހާރު ވެސް އެ ދުވަހުގެ ހަނދާން އާވާ އިރަށް ފެންކަޅިވޭ. އެއްވެސް ރަހުމެއް ހަމްދަރުދީއެއް އެ ދުވަހު އަޅުގަނޑުމެންގެ މައްޗަށް ނެތް. 125 ދޯނި މި ރަށަށް އައި. ފުރެން ދެން މީހުން އަރައި މުޅި ރަށް އެކީ ދޮވެލީ," ލޮލުގައި އަތް ހާކާލަމުން އަހުމަދު ސައީދު, އެ ދުވަސް އާކުރި އެވެ.
މީގެ އަހަރުތަކެއް ކުރިން, 1959 ވަނަ އަހަރުގެ މާޗް މަހުގެ ފަސް ވަނައަށް ވީ ދުވަހު ހުވަދޫގެ ކޮންމެ ރަށަކުން ދެ މެންބަރުން ތިބޭ އަތޮޅު ކޮމިޓީން ބޮޑު ނިންމުމެއް ނިންމި އެވެ. އެއީ, އެއްވެސް ބަޔަކު ދިވެހި ދައުލަތާއެކު ތިބެގެން ނުވާނެ ކަމާއި އެފަދަ މީހަކު ހުރެއްޖެ ނަމަ, އެ މީހަކާމެދު ފިޔަވަޅު އެޅޭނެ ކަމެވެ. އެ ނިންމުމާއެކު, އޭރު އެ ސަރަހައްދުގައި ތިބި ދިވެހި ދައުލަތުގެ ވަޒީފާގައި ތިބި ސިފައިންނާއި ސަރުކާރަށް ތާއިދުކުރާ މީހުންނަށް ނުރައްކާވި އެވެ.
ގައްދޫގެ ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރި އަހުމަދު ސައީދަކީ އޭރު އުމުރުން އެންމެ ނުވަ އަހަރުގެ ކުޑަ ކުއްޖެކެވެ. އާދައިގެ މަތިން މައިފުށު ގޭގައި އަހުމަދު ސައީދު އިނީ ފިލާ ކިޔަވާށެވެ. ޤުރުއާންގެ މޫރިތި އާޔަތްތައް އަޑު ހަރުކޮށް ކިޔަމުން ދަނީ އޭނާއަށް ބޭރުމަތިން އިވެން ފެށީ ރައްޔިތުންގެ އަޑުފައްގަނޑެކެވެ. ފިލާ ބާއްވާފައި އޭނާ ވެސް ދުއްވައިގަތީ އެ އަޑެއް އެ އަންނަ ތަނަކާ ދިމާއަށެވެ.
"އަޅުގަނޑު ވެސް އަތިރިމައްޗަށް އައިއިރު އެބަ އޮތް ނުދަންނަ ޑިންގީ ބޮއްކުރައެއް ކަހަލަ އެއްޗެއް, އެތާ ވެސް މީހުން ފުނިޖެހިފައި އޮތް. ވަރަށް ކަޅުކޮށް ތިބި ދެ މީހަކު އެ ޑީންގީ ކައިރީ އެބަތިބި. އެއީ ދިވެހި ސަރުކާރުގެ ދެ މީހަކު ޑިންގީއެއްގަ ފަލި ޖަހައިގެން މި އައީ, އެމީހުން އައީ ހިޔާމަތަށް, ކޮން ރަށެއް ކަމެއް ވެސް އެނގިގެނެއް ނޫން," ސައީދު ކިޔައިދިނެވެ.
އެއީ, ދެކުނުގެ ރަށެއްގައި ތިބި ސިފައިންގެ ދެ މީހެކެވެ. ވަކި ދައުލަތެއް އުފެއްދުމާއެކު އެމީހުންނަށް މަޖުބޫރުވީ އެ ރަށެއް ދޫކޮށް ހިމާޔަތަށް ނުކުންނާށެވެ. އެގޮތުން, ސައީދު ފާހަގަކުރި ގޮތަށް އެމީހުންނަށް އާދެވުނީ ގައްދޫއަށެވެ. ކަން ދިމާކުރި ގޮތުން ގައްދޫ އަކީ ދިވެހި ދައުލަތާ ވަކިވާން އެއްބަސްނުވެ އޮތް ރަށެކެވެ. އެހެންވެ, އޭރު ރަށުގައި ތިއްބެވި ކަމުވޮށިގެންވާ ބޭފުޅުން ނިންމީ ސިފައިންގެ އެ ދެ މީހުން ގޮވައިގެން މާލެއަށް ދަތުރު ފެށުމެވެ. ގަޑުބަޑުގެ ހަބަރު ދިވެހި ދައުލަތަށް ފޯރުކުރާށެވެ. އެ ދޯނީގައި ގައްދޫ, ގެމަނަފުށި އަދި ކަނޑުހުޅޫ ކަތީބުން ދިޔަ އެވެ.
އަނގަމަތީ މަސް ދޯންޏެއްގައި ފަލި ޖަހާފައި ގައްދޫ ކަނޑުން ބޭރުވެ އަތޮޅު ތެރެއަށް ނުވަދެ, މާލެއަށް ފޯރި އެވެ. މާކަނޑުގައި އެ ދަތުރުކުރީ އަތޮޅު ތެރޭން އެމީހުން އަތުލައިގަނެ ހިފަހައްޓަދާނެ ކަމުގެ ބިރަށެވެ. އެ ދޯނީގައި ފަލި ޖަހާފައި މާލެއަށް ދިޔަ ގިނަ މީހުން މިވަގުތު ދުނިޔޭގައި ނެތް ނަމަވެސް, ރަށުގެ އެންމެން ދަންނަ އިސްމާއިލްބެ އަދިވެސް އެބަ ހުއްޓެވެ.
އޭރު ޒުވާން ނޫކަށިފުރާ އިސްމާއިލްބެ މިއަދު ހުރީ ލޯބޯކޮށިވެ, ހަނދާން ބަލިކަށިވެފަ އެވެ. އެކަމަކު, ފަލި ޖަހާފައި މާލެ ދިޔަކަމުގެ ހަނދާން އަދިވެސް އެބަހުއްޓެވެ. ރީނދޫ ކުލައިގެ ކުޑައެއް ނަގައިގެން މެންދުރުގެ ހޫނުގައި މިސްކިތާ ދިމާއަށް އިސްމާއިލްބެ މަޑު ހިނގުމެއްގައި މިސްރާބު ޖަހާފައި ހުއްޓައި, އަހަރެން އެ ސުވާލުކޮށްލުމުން ވެސް ބުނީ, "އާނ.. އަތުން ފަލި ޖަހާފައި މާލެ ދިޔަ" ކަމަށެވެ.
އިސްމާއިލްބެމެން މަސްދޯންޏެއްގައި ފުރައިގެން މާލެއަށް ދިޔައިރު ހުވަދު އަތޮޅުގެ މަޝްރަހު އޮތީ ގޯސްކޮށެވެ. ހުވަދޫގައި ސުވާދީބު ސަރުކާރުގެ މައި ރަށެއްގެ ގޮތުގައި އޮތް ތިނަދޫން މަސްދޯންޏަކާއި ދެ ބައްތެލި ގައްދުއަށް ދިޔަ އެވެ. އެމީހުން އައީ ސުވާދީބު ސަރުކާރުގެ ސިޓީއެއް އެ ރަށާ ހަވާލުކުރުމަށެވެ. އޭގައި އޮތީ; ދިވެހި ސަރުކާރު ދޫކޮށް ސުވާދީބު ސަރުކާރަށް މަރުހަބާ ނުކިޔައިފި ނަމަ ގައްދުއަށް ދެރަ ގޮތްތަކެއް ވެދާނެ ކަމެވެ. އެކަމަކު ގައްދޫ މީހުން ސިޓީއަށް އިޖާބައެއް ނުދިނެވެ. އަދި ހަބަރު ހިފައިގެން އައި މީހުން ވެސް އެ ރަށުގައި ހިފެހެއްޓި އެވެ.
އެއާއެކު, އަތޮޅު ކޮމިޓީން ނިންމީ ގައްދޫ ރައްޔިތުންގެ ގެދޮރާއި މުދާ ނެތިކޮށްލުމުގެ ވަރުގަދަ ނިންމުމެކެވެ. އެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ބޮޑު ލަޝްކަރެއް އެއްކުރުމަށް ގޮވާލެވުނެވެ. އެ ލަޝްކަރު ޖަމާވީ ގައްދޫ ކުރިމައްޗަށްވާ ގޮތަށް އޮތް ލޮނުދުށްފުއްޓަށެވެ. ފަހަރަކު ދޯންޏެއް ކައިރި ކުރަމުން ގޮސް, މުޅި ސަރަހައްދު ފުރައިލި އެވެ. އެ އަތޮޅުގެ ކަނޑުހުޅުދޫ ނޫން އެހެން ރަށްތަކުގެ ދޯނިތައް އެތާ އޮތީ ކުރިމަތިލުމަށް ތައްޔާރަށެވެ. ކަނޑުހުޅުދޫއަކީ ގައްދޫއާއެކު އެއް ވިސްނުމެއްގައި އޮތް ރަށެކެވެ.
މުޅި ހުވަދޫގެ ޝާމިލްވުން އޮތް މި ލަޝްކަރުގައި ތިނަދޫއަށް ނިސްބަތްވާ ދޯނިތައް ނަގައިކިޔަން ތިބިިއިރު, ލަޝްކަރު ފެނި, ގައްދޫން ވެސް ދިޔައީ އެ ކުރިމަތިލުމަށް ތައްޔާރުވަމުންނެވެ. އެގޮތުން, އެންމެ ފުރަތަމަ ހެދީ ފަންޑިތައެކެވެ. ބުނެވޭ ގޮތުގައި ގައްދޫގެ އެންމެ މޮޅު ފަންޑިތަވެރިޔާގެ އުކުޅުން ލަޝްކަރުގެ މީހުންނަށް އެ ރޭ ގައްދޫގެ ބަދަލުގައި ލޯ މައްޗަށް ސިފަވީ ބޮޑު މަނަވަރެކެވެ. އެހެންވެ, އެ ރޭ ގައްދޫއަށް އަރައިގަނެވޭ ގޮތެއް ނުވި އެވެ.
ފަންޑިތައިގެ އަވާގައި ލަޝްކަރު ޖެއްސުމަށް ފަހު, ގައްދޫ ރައްޔިތުން ތައްޔާރުވަމުން ދިޔައީ ހެނދުނަށެވެ.
"...ދޯނި ފަހަރު އައިސް ލޮނުދުށްފުއްޓަށް މަޑުކުރާ ތަން އަޅުގަނޑުމެންނަށް ފެންނަން ފަށައިފި. އިރުއޮއްސިއްޖެ އެ ރޭ މި ރަށު ރައްޔިތުން ހޭލާ ތިބީ, އަތިރި މަތީ ބިގަރު ދިއްލައިގެން, ހެނދުނު ވީއިރު ތިބީ ގާފުނި ޖަހައި, ފުޅިތޮއްޓާ އެއްޗެހި އަތިރި އަށް ޖަމާކޮށްގެން, ދެން އެ ފެށުނީ ދެ ފަރާތުގެ ކުރިމަތިލުން, ގާ އުކުމާއި މަޑައުކުމާއި ހަދާފައި ހުރި ހަންޖަރުތަކާއި އެއްޗެހި ކަތިވަޅި އާއި ބޮޑު ވަޅިއާ," ސައީދު, އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ.
ދިޔަވަރު ހިކިފައި އޮތުމުން, ގައްދޫއަށް ވަދެވެން އޮތް ޖާގަތައް ކޮންޓްރޯލްކޮށްގެން ރައްޔިތުން ތިބުމުން ދޯނިތަކަށް ދެމިގަނެވޭ ގޮތެއް ނުވެ އެވެ.
"ތަޅާފޮޅުން ފަށައިގަތީ 7:00 ޖެހިއިރު, މި ރަށަށް އެރިޔަ ނުދީ ހިފަހައްޓަމުން އައިސް 11 ޖެހިއިރު ދިޔަގަނޑު ބޮޑުވެ ގަތީ, ދެން އެ ގަޑި ބަލާފައި އެތައް މިތަނުން ރަށަށް ވަދެގަތީ," ސައީދު ބުންޏެވެ.
އެ އެރި ގޮތަށް އެންމެ ފުރަތަމަ ވެސް ރަށު ތެރޭ ޖެހީ ހުޅެވެ.
"ބޭރު ދަތުރުކުރާ ތިން އޮޑި, ގައްދޫ އިސްމާއިލްކަލޭގެފާނު ދެ އޮޑި, ބަންނަން ފަށާފައިހުރި އަރުމާޒު އޮޑިއެއް, އަބްދުލްމަޖީދުގެ އޮޑި އެއްކޮށް އަނދައިގެން ދިޔައީ, ހުޅު ރޯކުރަން ފެށީ އަތިރިމަތީގަ ހުރި އޮޑި އާއި ގެތަކުގައި," މުޅި ރަށް އޮތީ ދުންގުޅައަކަށްވެފައިކަން ސިފަކުރަމުން އަހުމަދު ސައީދު ބުންޏެވެ.
"...ދެން ރަށުގަ އުޅެވެން ނެތިގެން ފުއްޓަރު ފަރާތުން ވެސް ގޮސް ރަށުން މީހުންގަނޑު ފޭބީ, ފައިބައިގެން ބައެއް މީހުން ފަރުމަތީ ތިބީ، އަނެއް ބަޔަކު ރަށް ދޫކޮށްލައި ކައިރީގަ މި އޮތް މާވެއްދޫ, ހުޅުވާރެލު, ކަޅެހަމެލަ, ގޮޅާއްލައަށް ވެސް ދިޔަ."
ކޮޅުކޮޅަށް މީހުން ދުވެ ހަޅޭއްކާއި ރުއިމާއި ބިރުވެރިކަމުގެ އެ އަޑުފައްގަނޑު ތެރޭ ސައީދު އޮތީ ރަށުގައި ހައްދާފައި އޮތް އަލަ އޮޅެއް ތެރޭ އަލަ ފަތެއްގެ ހިމާޔަތުގައި ފިލަ އެވެ. އެހެން ދެތިން ކުދިންނާއެކު އޭނާގެ ހިމާޔަތަށް ވަދެ ފިލީ, އެ ނޫން ގޮތެއް ނެތިގެންނެވެ. އެ އުމުރުގެ އެހެން ކުދިންގެ ފަހަތުން ފަޅުތެރޭ ފަތާފައި އެހެން ދިމާލަކަށް އޭނާއަށް ދެވެން ނެތެވެ; ސައީދަށް ފަތާކަށް ނޭނގެ އެވެ.
"މަންމެންނެއް, ބޭބެމެންނެއް ދައްތަމެންނެއް ވީތަނެއް ނޭނގެ, އެތާ [އަލަ އޮޅުގައި] އެހެން ހަމަ އޮތީ."
އަޑުފައްގަނޑު ކެނޑި, ހަމަހިމޭންވި ކަމުގެ އިހުސާސްއާއެކު އަލަ ފަތް ބޯމަތިން ނަގައި, ސައީދު ބޭރަށް ނިކުމެއްޖެ އެވެ. އެކަމަކު، ކަމަކުދާކަށް ނެތެވެ. އޭނާއަށް ފެނުނީ ހަޔާތުގައި އެ މަންޒަރެއް ދެކޭނެ ކަމަށް ކުޑަކޮށް ވެސް އުއްމީދުކުރި މަންޒަރުތަކެއް ނޫނެވެ.
"...ނެތް ސަލާމަތެއް, ގިނަ ގޭގެ ފުރާޅެއް ވެސް ނެތް, ހުރިހާ މުދަލެއް ލޫޓުވާފައި... އެމީހުން ދިޔައިރު 10 މަސް ދޯނި އޮތީ އަނދާފައި, އަށް ވަދުދޯނި, ސިލޯން އިންޑިއާއަށް ދަތުރުކުރާ ތިން އޮޑި އެނދި, އެއްވެސް ރައްޔިތެއްގެ އުނުގަ އޮތް އެއްޗެއް ނޫނިއްޔާ ނެތް ރަށަކު," ސައީދު ކިޔައިދިނެވެ.
މެންދުރުން އަނބުރާ ދޭއް ޖަހާލާ އެހާއިރު, މައުސޫމްކަމާއެކު ރަށު ތެރޭ ސައީދު ހިނގަމުން ދިޔައީ މީހެއްގެ ހިލަމެއް ވޭތޯ އެވެ; ފުރަތަމަ ވެސް ފެނުނީ ބުރަކަށީގައި ބޮޑު ޒަހަމަކާ އެކު ލޭތަކުގެ ތެރޭ އޮތް ގައްދޫގެ މަޝްހޫރު ކަނބުރު އާދަނެވެ. އޭގެ ފަހުން ކަމަނާގެ އާދަނާއި އާބަކުރު އަބްދުالله ވެސް ޒަހަމްތަކާއެކު ރަށު ތެރޭ އޮތްވައި ސައީދަށް ފެނުނެވެ. ސައީދުގެ ހިސާބުތަކުން އެ ދުވަހު ރަށުން 20 އަކަށް މީހުން ބޮޑުކޮށް ޒަހަމްވި އެވެ.
ގައްދޫގައި ސުވަދީބުގެ ދިދަ ނަގައި, ލަޝްކަރުގެ މީހުން ފައިބައިގެން ދިޔައީ ގައްދޫގެ 80 މީހުން ވެސް ގޮވައިގެންނެވެ. އެމީހުން ގެންދިޔައީ ތިނަދޫއަށެވެ. އޭގެ ތެރޭން އެކަކީ މިހާރު އުމުރުން އަށްޑިހައިގެ އަހަރުތައް ގުނަމުންދާ އޭރު ފުރާވަރުގެ އަބްދުالله އިސްމާއިލެވެ. އެ ދުވަހު އޭނާ ގެއިން ނުކުމެ އަތިރިއަށް ފޭބީ, މަންމަގެ އެދުމަށް ގޭގައި އޮތް އަގު ބޮޑު ގަޑިއެއް ފޮރުވާށެވެ. އެކަމަކު, އެ ގަޑި ފޮރުވުމަށްފަހު އެނބުރި މަންމަ ގާތަށް ނާދެވުނީ އެވެ.
"..އެއްގަމަށް އެރި ތަނާ ދިމާކުރަނީ ލަޝްކަރުގައި އައިސް ތިބި ބޮޑު ދެ މީހުން, އެމީހުން ބުނީ ބާޣީއެކޭ، ހައްޔަރުކުރަން ޖެހޭނެއޭ. އެހެން ކިޔާ ހިމަ ރޯނުން ބަންނަން ފެށީ, މަންމަ އާއި ބައްޕަ ބޭރަށް ނުކުމެ ކުޑަ ކުއްޖެކޭ ނުބަންނާށޭ ގޮވި. އެކަމަކު ބުނީ މަރާލާނަމޭ އެހެންވެ މަންމަމެން އަވަހަށް ގެއަށް ވަނީ," އެ ދުވަހުގެ ވާހަކަތައް ކިޔައިދެމުން އަބްދުالله ބުންޏެވެ.
ހިމަ ރޯނުން ބަނދެ, އަބްދުالله ގެންގޮސް އެއްލާލީ ފަޅު ތެރޭ އޮތް އެމީހުންގެ ދޯންޏެއްގެ ތެރެއަށެވެ. އެއްލާލުމުން ގޮސް ޖެހުނު ބާރުމިނުގައި އެ އޮތް ގޮތަށް އޭނާ ދޯނީގެ ވަތު ތެރޭ އޮތީ އެވެ. ގައްދޫން އެމީހުން ފުރައިގެން ދިޔައިރު, ދޯނީގައި އަބްދުاللهގެ އިތުރުން ގެންދިޔަ މީހުން ތިނަދޫއަށް ބޭލި އެވެ. އަދި, ތިނަދޫގެ ގެއެއްގައި އެމީހުން ބޭތިއްބި އެވެ. ކައްކައިގެން ކާން ހަކުރު, ހަނޑޫ ކޮންމެ ވައްތަރަކުން "ގަލެއް" ދިނެވެ.
ރަނގަޅަށް ބަނޑު ފުރައި ކާން ނުލިބި, އާއިލާ އާއި ރަށުގެ ހަބަރެއް ނެތި, އެކި ފުރައްސާރަތަކުގެ ތެރޭ އެއީ އަބްދުالله ހޭދަކުރި އަނދަގޫ, ހިތްދަތި ދުވަސްތަކެވެ.
މަންމަ އާއި ބައްޕަގެ ހަނދާނުގައި ނުރޮވޭ ހަމަ އެންމެ ދުވަހެއް ވެސް ނުދެ އެވެ. އަނބުރާ ނުދެވިދާނެ ކަމުގެ މާޔޫސްކަން ދިޔައީ ބޮޑުވަމުންނެވެ.
އެކި ގޮތްގޮތުން ކާލައިގެން ތިނަދޫގައި އެހެން އުޅުމުންދާތާ ދުވަސްތައް ވީ ފަހުން, އަބްދުالله އާއި އޭނާއާ އެކު ދެން ގެނައި މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި, ތިނަދޫގައި ތިބި އެކުވެރިންގެ އެހީގައި ގައްދޫއަށް އެނބުރި ގޮސްފި އެވެ. އެކުވެރިއެއް, ހަވާލުވާނެ މީހެއް ނެތި އަބްދުالله ހުއްޓައި, ތިނަދޫ އޮފީހަށް ދާން އޭނާއަށް އަންގައިފި އެވެ.
އެ ދުވަހު, ތިނަދޫ އަހުމަދު ތަކުރުފާނުބެ ގައްދޫގެ ދެ މީހުންނާ ހަވާލުވެއްޖެ އެވެ. އެމީހުން ދިރިއުޅޭނެ ގޮތާއި ކެއުމުގެ ކަންކަމާ އޭނާ ހަވާލުވީ އެވެ. އެ ދުވަހު, ތަކުރުފާނުބެ ގެއަށް ދިޔައިރު ފެނު ކެއްކި ބަނބުކޭލާއި މަސް ފެން ތައްޔާރުކޮށްފައި ހުއްޓެވެ. އެ ގޭ މީހުން ކައި ނިންމައި, ގައްދޫ ދެ ކުދިންނަށް ގޮވާލުމާއެކު އަބްދުاللهގެ ހައްދެއް ނެތެވެ. އޭނާ ކިޔައިދިން ގޮތުގައި އެ ދުވަހު ކެވުނު ގޮތެއް ވެސް ނޭނގެ އެވެ. ބަނޑުހައިހޫނު ކަމުގައި އުޅުމަށްފަހު އެއީ އޭނާއަށް ލިބުނު ބޮޑު ތަސައްލީއެއްގެ ދުވަހެވެ.
އެގޮތަށް ގައްދޫގެ ހަބަރެއް ނެތި "ބޮޑު އަބްދުالله"ގެ ނަމުގައި ތިނަދޫގައި އުޅެމުންދަނިކޮށް ރަށު އޮފީހުން އެންގީ ގައްދޫ މީހުން އެނބުރި ރަށަށް ދިޔުމަށެވެ. އެ އެންގުމާ އެކު, ރަށުގެ ހާލަތު ދެކެން ބޭނުންވެފައި ހުރި އަބްދުالله އަވަހަށް ގައްދޫއަށް ދިޔަ އެވެ.
އެނބުރި އައިއިރު އެއީ, އޭނާ އުޅެބޮޑުވި ގައްދުއެއް ނޫނެވެ.
ގައްދޫ ހަފުސްވި އެ ދުވަހުގެ އިރުއޮއްސެން ފެށުމާއެކު ފުއްޓަރު މައްޗާއި ފަޅު ރަށްތަކުގައި ދަރިން ކިހިލި ޖަހައިގެން ތިބި އަންހެނުން ކޮނޑަށް އަރުވައިގެން ފިރިހެންވެރިން, އެމީހުން ހިކިފަހަށް ގެނެސްދިނެވެ. އެހެން މަޑުމަޑުން މީހުން އަންނަމުން ގޮސް, އަނެއްކާ ވެސް ގައްދޫ ހަލަބޮލިވި އެވެ. އެކަމަކު, ކައްކާނެ ތެއްޔެއް, ކާނެ ތައްޓެއް, ގޭގެ ފުރާޅެއް, ނިދާނެ އެނދެއް, ލާނެ އަންނައުނެއް ނެތެވެ.
"...ދެން ތިބީ, ވަރަށް ބަނޑުހައި ވެސްވި, ރަށުގަ ނެތޭ ތެއްޔެއް ތައްޓެއް އެއްޗެއް ވެސް, ހުރިހާ އެއްޗެއް ލޫޓުވާލި, ވަރަށް ހާލުގައި އުޅުނީ," މިހާރު އުމުރުން 75 އަހަރުގެ ހަސަން މަޖުދީ, އެ ދުވަހު ގައްދޫ އޮތް ހާލަތު ސިފަކޮށްދިނެވެ.
އެ ހިތްދަތިކަމާއި ހާލުން އަރައިގަނެވެން އޮތީ ހަމަ އެންމެ ކަމެކެވެ. އޯގާތެރިކަމާއި އަޅާލުމާއި އެހީތެރިކަމެވެ; އާދަޔާ ހިލާފު އެކުވެރިކަމަކާއި ރަށު ރޫހާއެކު ރައްޔިތުން އަރުވާޖަހާލައި, އެންމެން ގުޅިގެން އަތުކުރި އޮޅާލީ ރަށް, އަނެއްކާވެސް ފާގަތި, ތިޔާގި ގައްދޫއަކަށް ހެދުމަށެވެ. ޒަމާނުންސުރެ އެ ރަށުގައި އޮތް ފުދުންތެރިކަމާއި އާރޯކަން އަނބުރާ ހޯދުމަށެވެ.
ގައްދޫގެ މަރިޔަމް މަނިކުފާން ކިޔައިދިން ގޮތުގައި އެ ރަށަކީ ސީދާ ރާއްޖެއިން ބޭރަށް ދަތުރުތައް ކުރަމުންދިޔަ މުއްސަނދި, މަސައްކަތްތެރި ރަށެކެވެ. އަންހެންވެރިންގެ ގަހަނާތަކާއި ލިބާސްތަކުގެ ޖަރީކަން ވަރަށް ބޮޑެވެ. ގަޑުބަޑުގެ ހިތި ގައްދޫއާ ކުރިމަތިލީއިރު އެ ރަށުގައި ބޮޑެތި ބޯޓުތަކާއި އެތައް ބައިވަރު ރަނާއި މުދާ ހުއްޓެވެ. އެތަކެތި ގެއްލި, އޭގެ ވެރިންނަށް އަރައިނުގަނެވޭހާ ބޮޑު ގެއްލުންވި އެވެ.
އެ ހުރިހާ ގެއްލުމަކާ އެކު ވެސް މަރިޔަމް މަނިކުފާންގެ ހިތުގައި އެންމެ ބޮޑު ހިތްދަތިކަމެއް އޮތީ, އެ ހަމަނުޖެހުންތަކުގެ ތެރޭ އޭނާގެ އަވަށްޓެރި ގެއެއްގެ ތުއްތު ކުއްޖަކު މަރުވެދިޔުމެވެ. އެއީ އެކަމުގައި ގެއްލުނު ހަމައެކަނި ފުރާނަ އެވެ. މަރިޔަމް މަނިކުފާން ކިޔައިދިން ގޮތުގައި އެ ކުއްޖާ މަރުވީ, ކުއްޖާ އުނދޯލީގައި ނިދާފައި އޮތްވައި, ރަށަށް އެރި މީހަކު އެ އުނދޯލީގައި އޮތް ކުނާ ދަމައިގަތް ގަޑީ, ކުއްޖާ ބިން މައްޗަށް ވެއްޓި ޖެހިގެންނެވެ.
"ވަރަށް ރުއިން. އެތައް ކާޑެއް އެތައް މުދަލެއް, އެތައް އަންނައުނެއް އެތައް އެއްޗެއް ގެންދިޔައީ, ވަރަށް ހާލުގަ އުޅުނިން, ލައްކަ ރުއިން، ރުއިން," އޭނާއަށް އަދިވެސް އެ ވާހަކަތައް ދައްކަން އުނދަގޫވެ އެވެ. "ލައްކަ ދަތިކޮށް, ލައްކަ ހާލުގައި ދައްތަމެން އުޅުނީ."
އެ ގިލަންވެރިކަމުން އަރައިގަތުމަށް އެންމެ ބޮޑު އެހީއަކަށްވީ ކައިރީގައި އޮތް ގަމުގައި ހައްދާފައި އޮތް އަލަ އޮޅުތަކެވެ. އަހުމަދު ސައީދު ބުނި ގޮތުގައި ރަށުގެ ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތްވީ އެ އަލަ އޮޅުތައް އޮތީމަ އެވެ. އޭގެ އެހީގައި ގައްދޫ އަލުން އާބާދުކުރަމުން ދިޔަ ނަމަވެސް, ތިބީ ފާޑެއްގެ އަޅުވެތިކަމެއްގެ ދަށުގަ އެވެ. ބޭނުން ނުވާ ސަރުކާރެއްގެ ދިދައިގެ ވައިލެޓް ހިޔަލުގަ އެވެ. އެ ސަރުކާރުގެ ސިފައިންގެ ފޯރިމެރުންތަކުގެ ތެރޭގަ އެވެ.
އެހެން ތިއްބައި, އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ދިވެހި ދައުލަތުގެ ސިފައިންނާ އެކު "މޯލްޑިވް ސްޓާ"ގައި ގައްދުއާ ކައިރިކުރި އެވެ. އަޑުގަދަކުރާއިން ގޮވަމުން ދިޔައީ ގައްދޫގެ ކިޔަމަންތެރި ރައްޔިތުންނަށެވެ. އެކަމަކު, މަރިޔަމް މަނިކުފާން ބުނި ގޮތުގައި ބިރުވެރިކަމާއި ޖެހިލުމުގައި ތިބި ރައްޔިތުން ފިޔަވަޅު އެޅީ ފަހަތަށެވެ. އެ ރަށުގައި އޭރު ތިބި ސުވާދީބަށް ބާރުދޭ މީހުންގެ ބިރަށް ދިވެހި ދައުލަތުގެ ދިދަ ނަގަން ނުކެރުނެވެ. ނަމަވެސް, ފަހުން ސުވާދީބަށް ބާރުދޭ މީހުން އަމާންދިނެވެ. އެއާއެކު "މޯލްޑިވް ސްޓާ"އިން ފުންމާލައި ގައްދޫއަށް އެރި މީހަކު, ދިވެހި ދައުލަތުގެ ދިދަ ނެގި އެވެ.
އެއާއެކު ގައްދޫ ހަމަ ނޭވާލި އެވެ.
އެކަމަކު, އެއާ ޖެހިގެން ސުވާދީބުގެ މައި ރަށެއްގެ ގޮތުގައި ހުވަދޫގައި އޮތް ތިނަދޫއަށް ބިރުވެރި, ނާމާންކަމާ ކުރިމަތިވި އެވެ. އެ ރަށުން ރައްޔިތުން ގަދަކަމުން ބޭލި އެވެ. ދާނެ, ވަންނާނެ ތަނެއް ނެތް ރައްޔިތުން ބިކަވެ, ހަވަރުތިނަދޫ ފަޅުވި އެވެ. ޅަ ދަރީން ކިހިލި ޖަހައި, ދުވަސްވީ މައިންނާއި ބަފައިން ކޮނޑަށް ލައިގެން ކޮޅުކޮޅަށް ދުވަން މަޖުބޫރިވި އެވެ.
ތިނަދޫން ބިކަވި ބައެއް އާއިލާތައް ގައްދޫއަށް އަޔެވެ. އަހުމަދު ސައީދު މައުލޫމާތު ބުނި ގޮތުގައި ތިނަދޫގެ 15 އާއިލާއެއް ގައްދޫގައި ތިއްބެވެ. އެ އާއިލާތަކަށް ގައްދޫން އަތް ހުޅުވާލީ ތަންމިނަށެވެ. ސިޔާސީ މަގުސަދުގައި, ވެރިންގެ ފައިދާ އާއި ލާބައަށް އުފެދިގެން ދިޔަ ގަޑުބަޑުގެ ހިތިކަމާއި ހަސަދަ ރައްޔިތުންގެ މެދުގައި ނުބާއްވަ އެވެ. ތިނަދޫ އަލުން އާބާދުވާންދެން އެ އާއިލާތައް ގައްދޫގައި ތިބިއިރު ބައެއް މީހުން އަނބުރާ ދާން ބޭނުމެއް ވެސް ނުވި އެވެ.
މިހާރު ވެސް އޭގެ ބައެއް މީހުން, ގައްދޫގައި ވަޒަންވެރިވެ އާއިލާ ބިނާކޮށް ދިރިއުޅުމުން އެބަދެ އެވެ.
ސުވާދީބުގެ ދައުލަތާއި އެ އުފެދުނު ގަޑުބަޑުގައި ހުވަދޫގެ ފުދުންތެރިކަން ވިރިގެން ދިޔައިރު, ގައްދޫ އަދިވެސް އޮތީ އެ ހިތާމަގަ އެވެ. އެމީހުންގެ ހިތުގެ އެންމެ ފުންމިނުގައި ރައްކާކޮށްފައިވާ އެ ބިރުވެރިކަމާއި ނާމާންކަމުގެ އިހްސާސުން އަދިވެސް ގޮވަނީ އިންސާފަކަށެވެ; އިންތިގާލީ އިންސާފަކަށެވެ.
ފޫޅުމާގޭ ބޮޑު އުނދޯލި ބާރަށް ހެއްލާލަމުން އަހުމަދު ސައީދު ވެސް ހިތުގައި އެ އަތް އަޅާލަނީ, އެ ދުވަހެއް ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.

